އިއްޔެގެ ވަގުތެއްގައި ފުލުހުން ގދ. ހޯޑެއްދޫއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު، ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވަނީ އެކަމުގައި ފުލުހުންގެ އިހުމާލެއްވޭތޯ ތަހުގީގު ކުރުމަށާއި، އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންގެ ބޮޑީކެމް ހާމަކުރުމަށް ގޮވާލައްވާފަ އެވެ.

"ގދ. ހޯޑެއްދޫއިން ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަކަށް އަރުވައިގެން ގެންދިޔަ ވަގުތު އޭނާގެ މެޔަށް ތަދުވާ ވާހަކަ ބުނެފައިވާ ކަމަށާއި އޭނާ ޑޮކްޓަރަށް ގެންދިއުމަށް އާދޭސް ކުރަމުންދިޔަ މަންޒަރު އެވަގުތު ހޯޑެއްދޫ ބަނދަރުގައި ފުލުހުން އޭނާ ލޯންޗަށް އެރުވި ވަގުތު ތިބި ރައްޔިތުންނަށްވެސް ފެނިފައިވާތީއާއި، އަދި އޭގެ ފަހުން އޭނާ ލޯންޗުގެ ތެރެއަށް ވެއްޓި އޭނާ އޮތް ހާލަތު ދާއިރާގެ ޒިއްމާދާރު ފަރާތަކަށްފެނި އޭނާ ހޮސްޕިޓަލަށް ގެންދަން އެދިފައިވާތީއާއި، އަދި އޭގެ އެތައް އިރެއްފަހުން ހޯޑެއްދޫ ކައިރީގައި އޮންނަ މަޑަވެއްޔަށް ގެންގޮސް، ހެލްތް ސެންޓަރަށް އޭނާ ގެންދިޔައިރުވެސް ނިޔާވެފައިވާތީ،" ޝިޔާމް ހުށައެޅުއްވި މައްސަލައިގައިވެ އެވެ.

އަދި މިމައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ހަގީގަތް ދެނެގަތުމަށްޓަކައި ފުލުހުންގެ ބޮޑީކެމް ފުޓޭޖް ބަލާ، ހާމަކުރުމަށާއި، މިމައްސަލަ އަވަހަށް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަޙްޤީޤުކޮށް މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ޤާނޫނުގައިވާ ހަމަތަކުގެ މަތިން އަދަބުދިނުމަށް ސަރުކާރުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާފައިވެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ ފުލުހުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް ހުށައަޅާއިގެން ޕްރޮފެޝަނަލް މިންގަނޑުން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަން ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.