މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާ ހިމާޔަތްކުރުމަށާއި, މިލޮބުވެތި ވަޠަންގެ މިނިވަންކަމާއި, އިސްތިޤުލާލް ދެމެހެއްޓުމަށް ކުރައްވަންޖެހޭ ކޮންމެކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ސޯލިހާއި ގާތުން މަސައްކަތްކުރައްވާ މީހެއްގެ ހައިސިއްޔަތުން އެކަން ކަށަވަރުކޮށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރާއްޖެއިން ދިވެހި ދައުލަތެއްގެ ގޮތުގައި އިސްލާމްދީން ގަބޫލުކުރިތާ 896 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ މިއީ ގައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި އެ ދައުލަތެއްގައި ހިމެނޭ ހުރިހާ ރައްޔިތުންނަށް އެއަށްވުރެ މަތިވެރި ނިއުމަތެއް ނުލިބޭނެ ނިއުތަމެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެންނަކީ މީސްކޮޅު މަދު ކުޑަ ގައުމެއް ނަމަވެސް, އަދި އިގްތިސޯދު ކުޑަނަމަވެސް ގޮންޖެހުންތަކާއި, ދަތިތަކާއެކު ވެސް އިސްލާމް ދީނުގެ ނިއުމަތަށް ވިސްނައިފިނަމަ އަޅުގަނޑުމެންނަށް ވުރެ ވަކިން ބޮޑު ނިއުމަތެއްގައި އޮތް ގައުމެއް ދުނިޔޭގައި ނެތް ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވީ ސައްތައިން ސައްތަ އިސްލާމީ ގައުމުތައް ދުނިޔޭގައި މަދު ކަމަށެވެ.
"އެހެންކަމުން އެގޮތުގެ މަތީގައި ދެމިތިބުމަށް ވުރެ ހެޔޮކަމެއް އަޅުގަނޑުމެންނަށް ނެތް. އެގޮތުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން ސަލާމަތްވުމަށް ވުރެ ވަކިން ބޮޑު މަސައްކަތެއް އަޅުގަނޑުމެން ކުރާކަށް ނެތް،" އިމްރާން ވިދާޅުވި އެވެ.
މިއަދު މިހާލަތުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ ހިމާޔަތް ކުރުމަށާއި, ގައުމުގެ މިނިވަންކަމާއި, އިސްތިގުލާލު ދެމެހެއްޓެވުމަށް ރައީސް މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވި ދުވަހަކީ ރާއްޖޭގެ ޙަޤީޤީ މިނިވަން ދުވަސް. އެ ދުވަހަކީ ކުފުރުގެ ކަސްތަޅުތަކުން ނެއްޓި ދިވެހީން މިނިވަންވި ދުވަސް. ރާއްޖޭގެ 897 ވަނަ މިނިވަން ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރަން !