ގދ. ހޯނޑެއްދު އާއި އެ ރަށާ ކައިރީގައި އޮންނަ ފަޅުރަށެއްގައި ވަޅުލާފައި ހުރި 69 ކިލޯގެ މަސްތުވާތަކެތި ފުލުހުން މިއަދު ހޯދައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ފެނުނު މަސްތުވާތަކެތީގެ ފޮޓޯއާއެކު ޓްވީޓެއް ކުރައްވާފަ އެވެ. ހޯނޑެއްދޫގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން މިދިޔަ ހުކުރު ދުވަހު ވެސް ސީޕީ ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހޯނޑެއްދޫން ފެނުނީ 13 ކިލޯގެ ހެރޮއިން ކަމަށެވެ. އަދި މިއަދު ހޯނޑެއްދުއާއި އެ ރަށާ ކައިރި ފަޅު ރަށަކުން 69 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ހޯދި މަސްތުވާތަކެތީގެ ބަރުދަން 82 ކިލޯއަށް އަރަ އެވެ.

ސީޕީ ވިދާޅުވީ އެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި މެތެމްފެޓަމިން ކަމަށެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހޯޑެއްދޫން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ވަނީ މަރުވެފަ އެވެ.

އޭނާ މަރުވުމުގައި ފުލުހުންގެ އިހުމާލެއްވާ ކަމަށް ތުހުމަތުކުރެވޭތީ އެކަމުގެ ޖިނާއީ ތަހުގީގެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.