ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ފާއިޒް މަގާމުން ވަކިކޮށްފި އެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މަގާމުން ޑރ. ފާއިޒް ވަކިކުރަން ނިންމާފައި ވަނީ ޝަރުއީދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ އުސޫލުތަކާ ހިލާފަށް އޭނާ އަމަލުކޮށްފައިވާކަން އެ ޑިޕާޓްމަންޓުން ކުރި ތަހްގީގަށް ސާބިތުވެފައިވާތީއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކިޔުރިޓީ ހަރުދަނާކުރުމަށް ކަމަށް ބުނެ، ފަނޑިޔާރުންނާއި މުވައްޒަފުންގެ ހަރަކާތްތަކަށް ފާރަލެވޭގޮތައް ސުޕްރީމް ކޯޓުގެ އެތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ޑރ. ފާއިޒް ނިންމައި އެކަން ތަންފީޒުކޮށް، އޭނާގެ ކޮޓަރީގައި ކެމެރާތަކުގެ ލައިވް ފީޑް ލިބޭނެ ގޮތް ހަދައި އޭގެ ބޭނުން އެ ގޮތުގެ މަތިން ކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

" ކެމެރާ އެޅުމުގެ މަސައްކަތަށް 2 ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހަރުދުކޮށްފައިވާއިރު، އެކަން ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާ ގޮތަށް ސްޓޭޓްމަންޓް އޮފް ރިކްވަޔަމަންޓް ތައްޔާރުނުކޮށް، ސެކިއުރިޓީ ބެލެހެއްޓުމުގެ މަގުސަދާ ހިލާފަށްކަން ވެސް ވަނީ ތަހުގީގަށް ސާބިތުވެފައެވެ. މި އަމަލު ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާ އަށް ކުރެވޭ އިތުބާރު މިހާރު ވަނީ ގެއްލިފައެވެ،" ޑީޖޭއޭގެ ބަޔާނުގައިވެ އެވެ.

ޑރ. ފާއިޒް ވަޒީފާއިން ވަކިކުރި އަނެއް ސަބަބަކީ ޝަރުއީދާއިރާގެ މުވައްޒަފުންގެ ކޯޑް ކޮންޑަކްޓާ ހިލާފުވުން ކަމަށް އެ ބަޔާނުގައިވެ އެވެ.

"...ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމުގެ ގޮތުން އެ ކޯޓުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ކޯޓުގެ މުވައްޒަފުން އަމަލުތައް ބަހައްޓަންވީ ގޮތާ ބެހޭ ގޮތުން ފަނޑިޔާރުން ދީފައިވާ އިރުޝާދުތަކާއި ހިލާފުވެ މުވައްޒަފުންނަށް ނުރަނގަޅު ނަމޫނާ ދައްކާފައިވާކަން މި ޑިޕާޓްމަންޓުން ބެލިބެލުމުން ސާބިތުވެއެވެ. މި ސަބަބާހުރެ އޭނާގެ މައްޗަށް އޮތް އިތުބާރު ގެއްލުމުގެ އިތުރުން މި އަމަލަކީ ޝަރުއީ ދައިރާއާ ދޭތެރޭ އާންމުން ދެކޭގޮތް ކިލަބުވާފަދަ އަމަލެކެވެ،" އެ ބަޔާނުގައިވެ އެވެ.

މި މައްސަލައިގެ ތަހްގީގުގެ މުއްދަތުގައި ޑރ. ހުސައިން ފާއިޒް ހުރީ މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ސަސްޕެންޝަންގަ އެވެ.