ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި ގދ. ހޯނޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދުގެ ޖަނާޒާ ބާއްވައިފި އެވެ.

ފުލުހުންގެ އިހުމާލުން މަރުވި ކަމަށް ތުހުމަތު ކުރެވޭ އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު އިންޑިއާ އިން ރާއްޖެ ގެނައީ މިއަދުއެވެ.

އޭނާގެ ކަށުނަމާދު އޮތީ މިއަދުގެ މަޣްރިބު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ. އޭނާގެ ޕޯސްޓްމޯޓަމް ހަދާފައި ވަނީ އާއިލާއިން އެކަމަށް ދެކޮޅު ހަދަމުން ދަނިކޮށެވެ.

އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލަ ފުލުހުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް ހުށައަޅާއިގެން ޕްރޮފެޝަނަލް މިންގަނޑުން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަން ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އެ މައްސަލަ އިންސާފުވެރިކަމާ އެކު ތަހުގީގުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވާފަ އެވެ.

އެ މައްސަލާގައި ފުލުހުންގެ އިހުމާލެއް ވާނަމަ ފިޔަވަޅު އަޅަން ސަރުކާރުން ފަސްނުޖެހޭނެ ކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.