ބުދަ ދުވަހުގެ ރޭ މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން 9 މީހުން ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 40 ވަރަކަށް ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދިޔަ ތަނުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގާއި މަރުވެފައި ވަނީ އިންޑިއާ ތިން އަންހެނުންނާއި އެ ގައުމުގެ 4 ފިރިހެނަކާއި، ބަންގްލަދޭޝް އަންހެނަކާއި ފިރިހެނެކެވެ. އެ 10 މީހުންގެ ތެރެއިން އެކަކު އެއީ ކާކުކަން އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އެ ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައިވާތީ އެމީހުން ވަކިކުރަން ނޭނގޭ ވަރަށް ސިފަ ގެއްލިފައިވާ ކަމަށެވެ. އަދި އެމީހުން ދެނެގަތުމުގެ މަސައްކަތްކުރީ އާންމުންނަށް ހުޅުވާލައިގެން ލިބުނު މައުލޫމާތާއި ފުލުހުން ހެދި ކްރޮސް މެޗްތަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެގޮތުން ފުލުހުން އިއްޔެ ވަނީ ބުދަ ދުވަހުގެ ރެއިން ފެށިގެން ވާނުވާ ނޭނގި ގެއްލިފައިވާ ބިދޭސީންގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފަ އެވެ.

މަރުވި 10 މީހުންގެ ހަށިގަނޑު މޯޗަރީއަށް ގެންދިޔަ އިރު ވެސް ގެއްލިފައިވާ މީހުންގެ މައުލޫމާތުތައް ހިފައިގެން އެ ސަރަހައްދަށް ދަންނަ މީހުންނާއި، އާއިލީ މެމްބަރުން ގޮސްފައިވެ އެވެ. ފުލުހުން އިއްޔެ ވަނީ އެ މީހުން އަތުން އެ މައުލޫމާތުތައް ހޯދާފަ އެވެ.

އިއްޔެ ރޭ 12:30 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކަށް އައިޖީއެމްއެޗުގައި ވެސް އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ ހަށިގަނޑު ވެސް އޮތީ ކާކުކަން ނޭނގޭ ވަރަށް ފިހިފަ އެވެ.

މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގީ ސެންޑްރޯޒް ހުޅަނގުބައިގައި ތިރީގައި ހުންނަ ޖަރާޖެއްގައި ރޯވެގެން ކަމަށް ބުނެ އެވެ. އެ ގޭގައި މަތީ ފުލޯގައި ދިރިއުޅުނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާ މީހުން ވެސް ހިމެނެ އެވެ.