ދިވެހި ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ކުރިމަތިލުމަށް އެއިދާރާއިން މިއަދު ހުޅުވާލައިފި އެވެ.

ފުލުސް އޮފީހުން ގެޒެޓްކޮށްފައިވާ އިއުލާނުގައި ވަނީ މި މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ލިޔެކިޔުންތަކާއެކު އަންނަ މަހުގެ 4 ވަނަ ދުވަހުގެ 4:00 ގެ ކުރިން އެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އިއުލާނުގައި ބަޔާންކޮށްފައިވާ ވަޒީފާއަށް، ކުރިމަތިލާ ފަރާތަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހެ އެވެ. އަދި 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހޭނެ ކަމަށާއި، ފިރިހެނެއްނަމަ އިސްކޮޅު ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއްނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުވެގެން ނުވާނެކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ ފަރާތަކީ ފާއިތުވި ފަސް އަަހަރުގެ ތެރޭގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްް ކުރިކަން ޝަރީއަތުގައި ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. ހަމައެހެންމެ މަސްތުވާތަކެތިން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ނަމަ، ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީން އުނިވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ޝަރުތުކޮށްފައިވެ އެވެ.

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްތޯ ދެނެގަތުމަށް ކުރާ މެޑިކަލް އެގްޒެމިނޭޝަނުން ވަޒީފާއަށް ކުރިމަތިލާ ފަރާތުން ފާސްވާންޖެހެ އެވެ. އަދި ވަޒީފާއަށް ހޮވަނީ އެއަށްފަހު ދެވޭ އިންޓަވިއު ބެކްގްރައުންޑު އެސެސްމަންޓުން ފާސްވުމުންނެވެ.