ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށާއި، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމާގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔޫރަޕިއަން ޔޫނިއަންގެ ވަފްދާ މަޝްވަރާކުރައްވައިފި އެވެ.
ހަ ވަނަ "މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފްދުވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވަފްދުގެ ބޭފުޅުން ވަނީ މިފަހަރުގެ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގްއާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި މިމަޝްވަރާގެ ތެރެއިން ރައީސް ވަނީ ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި މިހާރަށް ވުރެ ލުއިގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ހަމައެއާއެކު ރާއްޖެއިން ބާނާ މަހަށް ޔޫރަޕްގެ މާކެޓްގައި ފުރުސަތުތައް ފަހިކޮށް ދިނުމަށްޓަކައި ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
އީޔޫގެ ވަފުދުންވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އެކި ދާއިރާތަކުން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވާފަ އެވެ. އަދި އދ. ގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ސިޔާސަތު ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރި އިސްދައުރު އެ ބޭފުޅުން ވަނީ ފާހަގަކުރައްވާފަ އެވެ.
ހަމައެއާއެކު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 2023-2025 ވަނަ ދައުރުގެ މެމްބަރުކަން ރާއްޖެއިން ކާމިޔާބުކޮށްފައި ވާތީ އީޔޫގެ ވަފުދުންވަނީ މަރުޙަބާ ވިދާޅުވެފަ އެވެ.
މި ކައުންސިލް މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަދާކުރާ މުހިއްމު ދައުރުވެސް އީޔޫ ވަފުދުން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖެއާއި އީޔޫއާ ދެމެދު އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އީޔޫގެ ވަފުދުން ވަނީ ވިދާޅުވެފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ދެނިސް ޗައިބީ އެވެ.
މީގެ އިތުރުން މިވަފުދުގައި އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ އާއި އޮސްޓްރިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެތެރީނާ ވީޒާ އާއި ޖަރުމަނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޮލްގާ ލޯތާ އާއި ނެދަލެންޑްސް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބޮނީ ހާބޯކް އާއި އެމްބަސީ އޮފް ރޮމޭނިޔާގެ ޗާޖް ޑި އެފެއާޒް ވިކްޓަރ ޗިއުޑިއާ އަދި ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އޮރެލިއެން މެއިލޭ ހިމަނަވަޑައިގަންނަވަ އެވެ.