ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކޮންސްޓްރަކްޝަންގެ މީހުންގެ އެކޮމަޑޭޝަން ބްލޮކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާވިސްއިން ނިއްވާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާއާ ގުޅިގެން 73 މީހަކު ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ.

ރޭ ދަންވަރު އެ ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް އިން ފުރަތަމަ ބުނީ އެ ހާދިސާ ހިނގީ ގުޅީފަޅުގައި ހުންނަ އެމްޓީސީސީގެ އެކެމަޑޭޝަން ބްލޮކެއްގައި ކަމަށެވެ.

ނަމަވެސް މިއަދު ހެނދުނު އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގީ ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ކަމަށެވެ.

"މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ ދަންވަރު 12:31 ހާއިރު. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައި،" އެމްއެންޑީއެފް އިން ބުންޏެވެ.

ގުޅިފަޅުގައި ހުންނަ ބްރިޖް ހަދާ މީހުންގެ ސައިޓްގައި ރޯވެ އަނދަނީ. މި ހާދިސާއާ ގުޅިގެން 73 މީހަކު ހޮސްޕިޓަލަށް ގެންދިޔަ. ފޮޓޯ: އެމްއެންޑީއެފް

މިގޮތުން އެފްއާރުއެސްގެ ފަޔަ މަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 1:52 ހާއިރު ކަމަށް ވެސް ބުނެފައިވެ އެވެ. އަލިފާނުގެ ހާދިސާގައި އެކެމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާހުލިވެފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ހާދިސާ ގައި 13 މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. މި އަލިފާނުގެ ޙާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއްލިބިފަ އެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

މި އެކޮމަޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅޭ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.