ވިލިމާލެއިން ދަތުރުކުރި ތެޔޮބޯޓަކުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު މާލޭގެ ގްރީން ޒޯނުން ފެނިއްޖެ އެވެ.

އެ ދެ މީހުން ތެޔޮ ބޯޓުގައި ވިިލިމާލެއިން ފުރީ ޑިސެމްބަރ 28 ވަނަ ދުވަހުގެ ރެ އެވެ. އޭގެފަހުން އެ ދެ މީހުންގެ ޚަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ގެއްލިގެން ހޯދަނީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45، އާއި ބަނގްލަދޭޝްގެ މުހައްމަދު ލިޓަން 35، އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަކުރެއްވި އިބްރާހީމް މުހައްމަދު މިއަދު ވަނީ ގެއްލިގެން އުޅޭ ނިޒާމާއެކު ސެލްފީއެއް ނަގައި ޓްވީޓް ކުރައްވާފަ އެވެ.

އިބްރާހިމް ވިދާޅުވީ އޭނައާ ސުވާލުކުރުމުން ގެއްލިގެން ނޫޅޭ ކަމަށް ފުލުހުންނާ ހަވާލާދީ އޭނާ ބުނެފައިވާ ކަމަށެވެ.

ނިޒާމާއި ލިޓަންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.