ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕެއިން ދަތުރުފުޅެއްގައި ނ. އަތޮޅަށް ވަޑައިގެންފި އެވެ.

އެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެމަނިކުފާނު ވަޑައިގެންނެވީ ކެނދިކުޅުދުއަށެވެ. އެމަނިކުފާނުގެ އަރިހުގައި އެ ދާއިރާގެ މެންބަރު އަހްމަދު އީސާ ވެސް ހުންނެވި އެވެ.

ކެނދިކުޅުދުއަށް ވަޑައިގަތުމުން އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ރައީސް މިއަދު ނ. އަތޮޅަށް ވަޑައިގަތީ ރ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެވެ. އެއަތޮޅުގެ ކެމްޕެއިން ނިންމާލުމުގެގޮތުން މީދޫގައި ރޭ ވަނީ ޖަލްސާއެއް ވެސް ބާއްވައިފަ އެވެ.

އެމަނިކުފާނާ ވާދަވެރި ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު މިވަގުތު ހުންނެވީ އަރިއަތޮޅުގަ އެވެ. މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީގައި 57،255 މީހުން ވޯޓުލާނެ އެވެ.