އޯކިޑް މަގުގައި ހުރި އިވްނިން ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެ ކެފޭގައި އަލިފާން ރޯވިކަން ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ 18:10 ހާއިރު އެވެ. އެ މައުލޫމާތު ލިބުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފަ އެވެ.

އިވްނިން ކެފޭގެ ދެ ވަނަ ބުރީގައި އަލިފާން ރޯވުމުން ވަނީ ބޭނުން ނުކުރެވޭވަރަށް އެތަން އަނދައިފަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުވެ ބޮޑުވުމުން ކައިރި ގެތަނުގައި ތިބި މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ. އެހެންވެ ބައެއް މީހުން ވަނީ އެމްބިއުލާންސްގައި ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ.

އިވްނިން ކެފޭގެ ފުރަގަހުގައި އޮންނަ އިރާކު މަގާއި ކެފޭގެ ވަށައިގެން ހުރި ގެތަކުން ވަނީ މީހުން ހުސްކޮށްފަ އެވެ.

އަލިފާނުގެ ބޮޑު ހުޅުގަނޑު ފެނުނުއިރު، އެތަނުގެ ތެރެއިން އެއްޗިހި ގޮވާއަޑު ވެސް އިވުނެވެ. މިއަދު ހަތެއް ޖަހަން އުޅެނިކޮށް އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. މި ހާދިސާގައި ކެފޭ އަށް ބޮޑެތި ގެއްލުން ވިޔަސް ފުރާނައަށް ނުރައްކާވާ ވަރުގެ ގެއްލުމެއް އެއްވެސް މީހަކަށް ލިބިފައެއް ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނީ މިހާދިސާގައި އިވްނިންގ ކެފޭގެ ބަދިގޭގެ އިތުރުން އެތަނުގެ މަތީގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުގައި ވެސް ވަނީ އަލިފާން ހިފާ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔަމަނުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ 7:22 ހާއިރު އެވެ.

މި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.