މި އަހަރުގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.

އެލެކްޝަން ކޮމިޝަނުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެ ނަމަ ދެވަަނަ ބުރު އޮންނާނީ ސެޕްޓެމްބަރު 30 ގައި ކަމަށެވެ.

މިފަހަރު އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ 280،000 މީހުންނަށެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި އންތިޚާބުގައި ވޯޓުލާފައި ވަނީ ގާތްގަނޑަކަށް ނީ ގާތްގަނޑަކަށް 262،000 މީހުންނެވެ. މާލެ އާއި ރަށްތަކާއި ރިސޯޓްތަކުގައި މިފަހަރު 600 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ބެހެއްޓީ 472 ފޮއްޓެވެ.

  • ރިޔާސީ އިންތިޚާބާ ގުޅޭ ތާރީޚުތައް
  • އިންތިޚާބު އޮންނަ ތާރީޚު އިއުލާން ކުރީ: ޖެނުއަރީ 15
  • ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ އާންމުކުރުން: މެއި 2
  • ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން: މެއި 2 އިން 2 ޖޫން
  • ރީ-ރަޖިސްޓްރީ ކުރުން: ޖުލައި 16 އިން އޮގަސްޓް 5
  • އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު: ޖުލައި 23 އިން އޮގަސްޓް 3
  • ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން: އޮގަސްޓް 9
  • ކެމްޕޭން ކުރުން: އޮގަސްޓް 10 އިން ސެޕްޓެމްބަރު 8
  • އިންތިޚާބުގެ ފުރަތަމަ ބުރު: ސެޕްޓެމްބަރު 9
  • ދެވަނަ ބުރު: ސެޕްޓެމްބަރު 30

އެންމެ ފަހުން ބޭއްވި 2018 އިންތިޚާބު ބާއްވާފައި ވަނީ އެ އަހަރުގެ ސެޕްޓެމްބަރު 23 ގަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީން މިހާރު އަންނަނީ ކުރަމުންނެވެ. ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އިންތިޚާބު މި މަހު 28 ގައި އޮންނާނެ އެވެ. އެ ޕްރައިމަރީ އަށް ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީރެ ރައީސް މުހައްމަދު ނަޝީދު ފޯރުގަދަ ކެމްޕޭނެއް ކުރައްވަމުންނެވެ.

އިދިކޮޅު ޕީޕީއެމުން ކަނޑައެޅި ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމަކާ ގުޅިގެން އެމަނިކުފަނަށް މި ވަގުތު ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތެއް އުނިވެފަ އެވެ.