ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭ ގޮތަށް ސަރުކާރުން ކަންތައްތައް ކުރާ ކަމަށް ބުނެ، އެ ކަންބޮޑުވުންތައް އިދިކޮޅުން އިއްޔެ ޔޫރަޕްގެ ގައުމުތަކުގެ ސަފީރުންނާ ހިއްސާކޮށްފި އެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން އެމަނިކުފާނަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ.
އެ ހުކުމާ މެދު ކަންބޮޑުވުންފާޅުކުރައްވައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން އަންނަނީ އެކި ޖަމާއަތްތަކާ ބައްދަލުކުރަމުންނެވެ. އެގޮތުން އެ ޕާޓީގެ ވަފްދަކުން އިއްޔެ ވަނީ އަވަށްޓެރި ލަންކާގެ ވެރިރަށް، ކޮލަމްބޯގައި ތިއްބަވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައުމުތަކުގެ ސަފީރުންނާ އިއްޔެ ބައްދަލުކޮށްފަ އެވެ.
އީޔީގެ ސަފީރުންނާ ބައްދަލުކުރެއްވީ ރައީސް ޔާމީންގެ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އާއި، އިދިކޮޅު ކޯލިޝަންގެ ސެނެޓަރު ހަމްދާން ޝަކީލް އަދި ޔާމީންގެ އާއިލާގެ ފަރާތުން، ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ.
އެ ބޭފުޅުން ބައްދަލުކުރެއްވި ސަފީރުންގެ ތެރޭގައި ޖަރުމަނާއި، ނެދަލޭންޑްސް، ފްރާންސް، އިޓަލީ އަދި ރޯމޭނިއާ ހިމެނެ އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގާނޫނާ ހިލާފަށް ޔާމީން ޖަލަށްލައި ސަރުކާރުން އެ މަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާތީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޖަލަށްލުމާ ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ކޮންމެ ރެއަކު މާލޭގައި އެ ޕާޓީން އަންނަނީ މުޒާހަރާ ކުރަމުންނެވެ.