ރައްޔިތުންގެ ކިބައިގައި ޝަރުއީ ދާއިރާއާ މެދު އިތުބާރު އެބައޮތް ކަމަށާއި ކަންބޮޑުވުމަކީ ކޯޓްތަކުގައި ހުރި މައްސަލަތައް ނުނިމި ލަސްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާގެ ގަޟާއީ އަހަރު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެއްދުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއްކަމަށެވެ.

ސަރުކާރުން ކުރި މަސައްކަތުން ރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު، މަޑުމަޑުން ރަނގަޅުވެ، ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާ ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު ކަމަށެވެ.

"ފަނޑިޔާރު ގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މައްސަލަތައް ބެއްލުން ލަސްވުމުގެ ޝަކުވާއަށް ހޯދައިދެވުނު އެންމެ މުހިންމު އެއް ހައްލަކީ އޮންލައިންކޮށް ޝަރީއަތްތައް ހިންގޭނެ ނިޒާމުތައް ރާއްޖޭގެ ހުރިހާ ކޯޓެއްގައި ގާއިމުކޮށް ނިންމުންކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން، ދަތުރު ހަދައިގެން ކޯޓަށް ހާޒިރުވުމަށް ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކާއި ކުރަންޖެހޭ އެތައް ޚަރަދަކުން ސަލާމަތްވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު ކަންކަން އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ ޕޭ ހާމަނައިޒްގެ މަސައްކަތް ނިމޭއިރު، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް، އާ ކޯޓުތައް އިމާރާތްކުރުމާއި، ކޯޓުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ފަށައިގެން ކުރިއަށްދާކަމަށެވެ. އެގޮތުން އެކި އަތޮޅުތަކުގެ އަށް ރަށެއްގައި ކޯޓު ޢިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓްގައި އަލަށް ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހައި ކޯޓާއި މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް، ހުޅުމާލޭގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިންމައި، އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.