ފުލުހުން ތަހުގީގު ކުރަމުންދާ އެއްވެސް މައްސަލައެއްގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދާ ފޮރެންސިކް ހެކީގެ މައުލޫމާތު ލީކު ނުވާނެކަމުގެ ޔަގީންކަން ފުލުހުން ދެއްވައިފި އެވެ.

ފުލުހުން މި ޔަގީންކަން ދިނީ މަޝްހޫރު ފިލްމީތަރި އައިމިނަތު ރިޝްފާގެ ޒާތީ ފޮޓޯތަކަކާއި ވީޑިއޯތަކެއް ފުލުހުން ލީކުކޮށްލި ކަމަށް ބުނެ އޭނާ ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

ފޭސްބުކްގައި ރިޝްފާ އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނުގެ ޕާސްވޯޑް މިދިޔަ ޑިސެމްބަރު މަހު ފުލުހުންނަށް ދިން ކަމަށެވެ. އޭގެ ފަހުން މިހާރު އާއްމު ވެބްސައިޓްތަކުގައި އޭނާގެ ޒާތީ ފޮޓޯތަކާއި ވީޑިއޯތައް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

ރިޝްފާގެ ފޯނަށް އެކްސެސް ވެވޭނީ ހަމައެކަނި ފުލުހުންނަށް ކަމަށް ބުނެ ރިޝްފާ ކުރި ސުވާލަކީ މިފަދަ ކަންކަން ފުލުހުން ކުރާނަމަ ފުލުހުން އާއްމުންނަށް ރައްކާތެރިކަން ދޭނީ ކިހިނެއްތޯ އެވެ.

ރިޝްފާ ބުނީ ފޯނުގެ ޕާސްވޯޑް ފުލުހުންނަށް ދިނީ އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލަ އާ ގުޅިގެން ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ފޮޓޯތަކާއި ވީޑިއޯތައް ލީކްކޮށްލައި އޭނާގެ އަބުރު ގެއްލުވާލުމުން އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ ރިޝްފާ ސުވާލު ކޮށްފައިވެ އެވެ.

ރިޝްފާ ވަނީ މިއީ ފުލުހުން މީހުންގެ ޒާތީ މައުލޫމާތުތައް ލީކް ކޮށްލި ފުރަތަމަ ފަހަރު ނޫންކަން ފާހަގަކޮށް ވެސް ފުލުހުންނަށް ފާޑުކިޔައިފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ހެކީގެ މައުލޫމާތުތަކަކީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އަމަލުކުރާ އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރެވޭ ތަކެތި ކަމަށެވެ. އެއްވެސް ހެއްކެއްގެ މައުލޫމާތު ލީކުވެ އެފަދަ ކަމެއް ނުހިނގާނެކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުން ދެ އެވެ.

ފުލުހުން ބުނީ ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކުނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ. އަދި ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށް ކަމުގައި ވެސް ފުލުހުން ބުނެ އެވެ.