ގުރޫޕް ހަދައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނީ، މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މައްސަލައެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު (25އ) ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

ފުލުހުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރަށް ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ހަމައެހެންމެ މިފަދަ ކަންކަމުގައި އާންމުން ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިއަދު މި ހާދިސާ ހިނގިއިރު، ފަހަކަށް އައިސް މާލޭގައި އަނެއްކާ ވެސް ވަނީ ސިލްސިލާ ގޭންގު މާރާމާރީތައް އިތުރުވެފަ އެވެ. މިގޮތުން މިދިޔަ ހަފުތާ ތެރޭގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.