ދައުލަތައް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި އިސްރައްވެހިންނަށް އިޖުތިމާއީ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އިސް ރަށްވެހިންނަށް އެއްތަނަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލައި އުޅެވޭ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން އިސް ރަށްވެހިންގެ އިޖްތިމާއީ މަރުކަޒުތަކެއް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްދެއްވުމަށް ގަސްދުކުރައްވާކަމުގައި އެވެ.

ރައީސް ވަނީ ރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންކަން ފާހަގަކުރައްވާފައި އެވެ.

ރައީސް ވިދާޅުވީ އިސް ރަށްވެހިންގެ އިޖްތިމާއީ މަރުކަޒުތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. އެގޮތުން މާލޭގައި އިސްރައްވެހިންގެ އިޖުތިމާއީ މަރުކަޒެއް ގާއިމް ކުރާނީ ކުރީގެ ނާދީ ހުރި ބިމުގައިކަމުގައި ރައީސް ވިދާޅުވި އެވެ. އެ އިމާރާތަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާވެސް ހިނގި އިމާރާތެކެވެ

ރައީސް ވިދާޅުވީ މާލޭގައި އެމަރުކަޒު ޤާއިމުކުރެއްވުމަށްފަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެފަދަ މަރުކަޒުތައް ހުޅުވަން ގަސްދުކުރައްވާކަމުގައެވެ.

މިފަދަ މަރުކަޒުތަކެއް ހެދުމުގެ ބޭނުމަކީ އިސް ރަށްވެހިންނަށް ދޭންޖެހޭ ހައްގު ގަދަރާއި އިޙުތިރާމު ހޯދައިދިނުމަށް މަގުފަހިކުރުމާއި، އެކަންކަމަށް ބާރުއެޅުންކަމުގައި ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އިސް ރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމައުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކޮށްދިނުމާއި އަދި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުންވެސް މި މަރުކަޒުތައް ގާއިމުކުރުމުގެ މަގްސަދުތަކުގެ ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި 86 ބޭފުޅަކަށް ގައުމީ އިނާމު ވަނީ ދެއްވާފަ އެވެ.