ވޯޓަކާ ނުލައި ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ގާސިމް އިބްރާހީމް އަނެއްކާ ވެސް ހޮވިއްޖެ އެވެ.

މިމަހުގެ 24އިން 25އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާގެ ކުރިން އެ ޕާޓީން މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި އެވެ. އަދި އެ މަގާމުތަކަށް ކުރިމަތިލި ބޭފުޅުންގެ ކެނޑިޑޭޓު ނަންބަރު ރޭ ވަނީ ތަރުތީބުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވީ އެ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފައިނުވާ ކަމަށެވެ. އެހެންވެ ވޯޓުކާ ނުލައި އިތުރު ދައުރަކަށް ގާސިމް އިންތިޚާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރަކީ މަމިގިލީ ދާއިރާގެ މެމްބަރު ގާސިމެވެ. މިއީ ގާސިމް އެ މަގާމަށް ހޮވިވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ.

ޖޭޕީ ލީޑަރުކަމަށް ގާސިމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތި ނުލެއްވި ނަމަވެސް، އެހެން މަގާމުތަކުގެ ވާދަވެރިކަން ބޮޑެވެ. އެގޮތުން އެ ޕާޓީއަށް ފަސް ނާއިބު ލީޑަރުން އިންތިޚާބު ކުރަންޖެހޭއިރު، އެ މަގާމަށް ވަނީ 12 ބޭފުޅަކު ކުރިމަތިލައްވާފަ އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޖޭޕީގެ ގައުމީ ޖަލްސާ އޮންނާނީ މިމަހުގެ 24 އިން 25 އަށް ދަރުބާރުގޭގަ އެވެ. ގައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާމެދު ވެސް ގޮތްތަކެއް ނިންމާނެ ކަމަށް އެ ޕާޓީން ބުނެ އެވެ. ޖޭޕީގެ ގައުމީ ކޮންގްރެސްގައި 900 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ވެސް ބުނެ އެވެ.

ރާއްޖޭގެ ތިންވަނަ އަށް އެންމެ މެމްބަރުން ގިނަ ޖުމްހޫރީ ޕާޓީ އުފެދިފައި ވަނީ 3 އޯގަސްޓް 2008ގަ އެވެ. އެ ޕާޓީގެ ދަފްތަރުގައި 17913 މެންބަރުން އެބަތިއްބެވެ.