އަންނަ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް އޮފީހަށް މިއަދު ވަޑައިގެންފި އެވެ.
ރައީސް އޮފީހަށް ގާސިމް މިއަދު ވަދެވަޑައިގަންނަވާ ތަން ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ގާސިމް ރައީސްއާ ބައްދަލުކުރައްވަމުން ގެންދަވާކަން ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ނަމަވެސް، އެއްވެސް ބޭފުޅަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
މަޝްވަރާ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމާ ދެ ބޭފުޅުންގެ މެދުގަ އެވެ. ނަމަވެސް ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި މަޝްވަރާގެ އެޖެންޑާގައި އޮތް ކަންކަމެއް އަިރިހުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނެއް ވެސް ސާފެއް ނުވެ އެވެ.
އެކަމަކު މައިގަނޑު މަޝްވަރާއަކީ ރިޔާސީ އިންތިހާބުގައި ދެބޭފުޅުންގެ ވިސްނުން އެއްގޮތް ކުރުން ކަމަށްވެ އެވެ.
މި ސަރުކާރުގެ އެއް ކޯލިޝަން ޕާޓުނަރު ގާސިމް ރައީސް އޮފީހަށް ވަދެ ވަޑައިގެންނެވި އިރު އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ކޯލިޝަނަކާ ވަކިން ޖޭޕީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަ ކުރުމަށް ޖޭޕީގެ ކޮންގްރެސްއިން ވަނީ މިދިއަ ހަފުތާގައި ގާސިމަށް ލަފާދީފަ އެވެ.
ޖޭޕީގެ ލަފާ ހިމެނޭ ގަރާރު ކޮންގްރެސްގައި ފާސް ކުރުމުން ގާސިމް ވަނީ އެ ގަރާރު ބަލައިގަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެ ގަރާރު ކައުންސިލަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް އޭރު ދެއްވާފައިވެ އެވެ. ގާސިމްގެ އެ އިޝާރާތަކީ ޖުމްހޫރީ ޕާޓީން އިންތިހާބަށް ކެންޑިޑޭޓަކު ނެރުއްވާނެ ކަމުގެ އިޝާރާތަކަށް ވެފައިވެ އެވެ.
ޖޭޕީގެ އެ ގަރާރެއް ފާސް ކޮށްފައި ވަނީ މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި އެމްޑީޕީގެ ރިޔާސީ ޓީކެޓް ކަށަވަރު ކުރެއްވުމަށް ފަހު ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވައި އެމްޑީޕީން އުފައްދާ ކޯލިޝަންގައި ބައިވެރިވާން ޖޭޕީ އާއި ގާސިމަށް ދައުވަތެއް ދީފައި ވަނިކޮށެވެ.
ގާސިމާއި ރައީސް ސޯލިހާ ދެބޭފުޅުން ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މިއަދު މަޝްވަރާތައް ބާއްވާއިރު ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އާއި އިމްރާން ރައީސް ކަން ކުރައްވާ އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ.
ޖޭޕީން ރިޔާސީ އިންތިހާބަށް ކުރިމަތިލާން ޕާޓީގެ ކޮންގްރެހުން ލަފައެއް ދީފައި ވިޔަސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމްގެ ތާއީދު ދެއްވާނީ ރައީސް ސޯލިހަށް ކަމަށް އެންޑީޕީގައި އޮތް ރައީސް ސޯލިހުގެ ފެކްޝަނުން ބުނެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ގާސިމް އަދި ސީދާ ވަކި ގޮތެއް ނުނިންމަވަ އެވެ. މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ވަނީ، އެ ޕާޓީން އިންތިހާބުގައި ވާދަކުރުމަށް ކައުންސިލަށް ލަފާދީފަ އެވެ.
ރައީސް ސޯލިހަށް ފާޑުވިދާޅުވެ، ސަރުކާރުގެ މަސައްކަތް ލަސްކަމަށް ވިދާޅުވެ، ގާސިމް ވަނީ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ނުސީދާކޮށް ވާހަކަދައްކަވާފަ އެވެ. ރައީސް ސޯލިހާ މިހާރު އެންމެ ވާދަވެރި، އެމްޑީޕީގެ ރައީސް އަދި ރައީސްގެ ކުރީގެ ގާތް އެކުވެރިޔާ، މަޖިލިސް ރައީސް ނަޝީދުގެ މަންދޫބުން ވަނީ ގާސިމްއާ ބައްދަލުކުރައްވައިފަ އެވެ.
މި ފަހުން ގާސިމް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވަމުން ގެންދަވާއިރު، ނަޝީދު ގާސިމްގެ ރަނިންމޭޓަކަށް ނުކުންނަވާފާނެ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.