ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ އެކްޓަރު ސަތިޝް ކައުޝިކް، އުމުރުން 66 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

މި ހަބަރު އިއުލާން ކުރަމުން ސަތިޝްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އަނުޕަމް ކޭރް ބުނީ ސަތިޝް މަރުވީ ހާޓްއެޓޭކެއް ޖެހިގެން އިްޔެގެ ވަގުތެއްގައި ކަމަށެވެ.

ސަތީޝް މަރުވެފައިވަނީ ހިންދޫންގެ އީދެއް ކަމަށްވާ ހޮލީ ފާހަގަކޮށް މީގެ ދެދުވަސް ކުރިން ސޯޝަލް މީޑިއާގައި ޕޯސްޓެއް ވެސް ކޮށްފައިވަނިކޮށެެވެ. ހަބަރުތައް ބުނާ ގޮތުގައި މީގެ ކުރިން ސަތީޝްގެ އެއްވެސް ސިއްހީ މައްސަލައެއް ފާހަގަވެފައެއް ނުވެ އެވެ.

ހިންދީ ފިލްމުތަކުގެ ހެއްވާ މަޖާ ރޯލުތަކުން އާއްމުކޮށް ފެންނަ ސަތީޝްގެ ފާހަގަ ކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި މަޝްހޫރު ފިލްމު މިސްޓާ އިންޑިއާގައި އޭނާ ކުޅެދިން ކަލަންޑަރުގެ ރޯލު ފާހަގަ ކޮށްލެވެ އެވެ.

ސަތީޝް މަރުވުމާއެކު ބޮލީވުޑް ގިނަ ތަރިންތަކެއް ހިތާމަ ފާޅު ކުރަމުން އަންނައިރު އޭގެ ތެރޭގެއި ވެޓެރަން ތަރިންގެ އިތުރުން ޒުވާން ތަރިން ވެސް ހިމެނެ އެވެ.

އެގޮތުން އަނުޕަމް ބުނެފައިވަނީ ސަތީޝްއަކީ މަޑުމައިތިރި މިޒާޖެއްގެ އެންމެންނާ ވެސް ގުޅޭ މީހެއް ކަމަށާއި އޭނާ ނެތުމުގެ ފަޅުކަން ފިލްމީ ދާއިރާއަށް ކުރާނެ ކަމަށެވެ.