ހިންދީ ލަވަކިޔުންތެރިޔާ ނޭހާ ކައްކަރުއާއި އޭނާގެ ފިރިމީހާ ރޯހަންޕްރީތު ސިންހްއަކީ ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުތަކުގެ ތެރެއިން އެއްޖޯޑެވެ. އެ ދެމީހުންގެ ކައިވެނި ކުއްލި ގޮތަކަށް ކުރެވުނު ނަމަވެސް ދެމީހުންގެ މެދުގައި އިންތިހާ ލޯބި އޮތްކަން އެމީހުންގެ އުޅުމުން އެނގެ އެވެ.
އެހެން ނަމަވެސް މި ފަހަކަށް އައިސް ފެތުރުނު އަޑަކީ އުފާވެރި މި ކައިވެނީގައި ރެނދުލާފައިވާ ކަމުގެ އަޑުތަކެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި ދެ މީހުން ވަރިވާ ހިސާބަށް ގޮސްފައިވާ ވާހަކަ އެވެ.
މި އަޑުތަކަށް ނޭހާ އަދި ރޯހަން ޕްރީތު ވެސް ރަސްމީ ގޮތުން ރައްދެއް ދީފައެއް ނުވެ އެވެ. އެހެން ނަމަވެސް ނޭހާގެ އެންމެ ފަހުގެ އިންސްޓަގްރާމް ޕޯސްޓުން ވަނީ ބެލުންތެރިންގެ ސުވާލުތަކަށް ކޮންމެވެސް ވަރެއްގެ ޖްވާބެއް ލިބިފަ އެވެ.
ނޭހާ ހިއްސާ ކޮށްފައިވަނީ އޭނާއާއި ރޯހަންޕްރީތު އެއްކޮށް ނަގާފައިވާ ފޮޓޯ އެކެވެ. އެ ފޮޓޯގައި ރޯހަން ނޭހާގެ ކޮލުގައި ލޯބިން ބޮސް ދޭތަން ފެނެ އެވެ.
މި ފޮޓޯއަކީ އެ ދެމީހުން އެއްކޮށް މިހާރު ހޭދަކުރަމުންދާ ޗުއްޓީގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށް ނޭހާ ހިއްސާ ކޮށްފައިވެ އެވެ.
މިއާއެކު އެ ކައިވެނީގައި މައްސަލަ ޖެހިގެން އުޅޭނަމަ އެކުގައި ޗުއްޓީއަށް ގޮސް އެ ކަހަލަ ފޮޓޯއެއް ނޭހާ ހިއްސާ ނުކުރާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ރޯހަންއާއި ނޭހާގެ މެދުގައި މައްސަލަ ޖެހިގެން އުޅޭ ކަމަށް އަޑު ފެތުރުނީ މި ޖޫން މަހުގެ ހަވަނަ ދުވަހު ފާހަގަކުރި ނޭހާގެ އުފަން ދުވަހުގެ އެއްވެސް ކަމެއްގެ ތެެރެއިން ރޯހަން ނުފެނުމުންނެވެ.