މިދިޔަ ހުކުރު ދުވަހުގައި މާލޭގައި ހަދަމުންދިޔަ ގެއެއްގެ ތެރޭގައި ކަރަންޓުގައި ޖެހިގެން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އެ ގެއިން ކަރަންޓް ކޭބަލެއް ވަގަށް ނަގަން ވެގެން ކޭބަލް ބުރިކޮށްލަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން މަރުވެފައި އޮތް މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހުކުރު ދުވަހުގެ މަރާ ގުޅޭގޮތުން ފުލުހުން ދެންމެ ބުނީ ހެންވޭރުގެ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާއަކީ އެގެއިން ކަރަންޓް ކޭބަލެއް ވަގަށް ނަގަން ވަދެ އުޅުނު މީހެއް ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ކަރަންޓް ކޭބަލް ބުރިކޮށްލަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހިގެން ކަމަށް ފުލުހުންގެ ތަހުގީގަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މަރުވި މީހާގެ ހަށިގަނޑުން ކަރަންޓްގައި ޖެހިފައި ހުރި ކަމުގެ ނިޝާން ވެސް ފެންނަން ހުރި ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ބިންމައްޗަށް ވެއްޓިގައި އޮއްތަނުން ވައްކަން ކުރަން ގެންގުޅުނު ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ހުކުރު ދުވަހު ބުނި ގޮތުގައި ހެންވޭރު ގެއެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ލިބުނީ އެ ދުވަހުގެ މެންދުރު 1:20 ހާއިރު އެވެ.

އުމުރުން 43 އަހަރުގެ އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެ މީހާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.