އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ، އިސްލާމްދީނަށް ފުރައްސާރަކޮށް އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި އެއްވުމެއްގައި ދިވެއްސަކު ދިވެހި ދިދައާއެކު ބައިވެރިވެއްޖެ އެވެ.

މިއެއްވުމުގައި ބައިވެރިވެފައިވަނީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރަނިކޮށް ފަޅާ އަރުވާލުމުން ރާއްޖެއިން ފިލައިގެން ދިޔަ ހުސައިން ޝައިހާނެވެ.

ޝައިހާންގެ ޓުވިޓާ އެކައުންޓަކުން ވަނީ އޭނާ މިއެއްވުމުގައި ބައިވެރިވެފައިވާކަން ހާމަކޮށް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. އަދި ހައްދުފަހަނަ އަޅާފައިވާ ޝައިހާން މިއެއްވުމުގައި ބައިވެރިވެފައި ވަނީ ދިވެހި ދިދަ ވެސް ހިފައިގެންނެވެ. އެ ހަޑިހުތުރު އަމަލަށް ހިތްވަރުދީ އޭނާ ވަނީ ގައުމީ ދިދައިގައި ލިޔެފަ އެވެ.

ޓުވިޓާގައި "ކުރެދިކުރި"ގެ ނަމުގައި އެކައުންޓެއް ހަދައިގެން ރަސޫލާ (ޞ) އަށާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް ހަޑިހުތުރު ބަހުރުވަ ހިމެނޭ ގޮތަށް ކާޓޫނު ތައްޔާރުކޮށް ހިއްސާކުރަމުން އައީ ޝައިހާންކަން ހާމަވެފައިވަނީ އަމިއްލަ ފަރާތްތަކުން ކުރި ތަހުގީގުންނެވެ.

އޭނާއަކީ ކުރިން ގދ. ފިޔޯރީ ސުކޫލުގައި ރިލީފު ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި އިރު ވެސް އިސްލާމްދީނާ ހިލާފު ވާހަކަތައް ދެއްކުމުގެ މައްސަލަތައް ފެންމަތިވެފައި ހުރި މީހެކެވެ. ފަހުން އޭނާ މަސައްކަތްކުރީ ވިލިމާލޭގެ މުހިއްޔުއްދީން ސުކޫލުގެ ރިލީފު ޓީޗަރެއްގެ ގޮތުގަ އެވެ.

ޝައިހާނު ރާއްޖެއިން ފުރައިގެން ދިޔައީ "ކުރެދިކުރި" ނަމުގައި، ޓުވިޓާގައި އިސްލާމްދީނަށް ތައުހީނުކޮށް ރަސޫލާ(ޞ) އަށް ތައުހީނުކޮށް ކުރަހާފައިވާ ކާޓޫނު އާންމުކޮށްފައިވަނީ އޭނާކަން ކަށަވަރުވާ ހެކި ފުލުހުންނާ ހިއްސާކޮށްފައި ވަނިކޮށެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކުރިން ވިދާޅުވެފައި ވަނީ ޝައިހާން ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓް ހިފަހެއްޓުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ކަމަށެވެ.

ޝައިހާނަކީ މިފަދައިން އިސްލާމްދީނަށް ތައުހީނުކުރާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ ފުރަތަމަ މީހާއެއް ނޫނެވެ. އުލްފާ ފަހުމީ ނަމަކަށް ކިޔާ އަންހެނަކު އިސްލާމްދީނަށް ތައުހީނުކުރާކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް އޭނާވެސް ފުރައިގެން ގޮސްފައިވެ އެވެ.

ފަހަކަށް އައިސް ދިވެހިން އިސްލާމްދީނަށް ފުރައްސާރަކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު ސަރުކާރުން އެމީހުންނާއި މެދުގައި ފިޔަވަޅު ނާޅާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.