ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި އިބްރާހީމް މއ. ނައިޓްވިލާ، އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލައިފި އެވެ.

ގައްބަރޭ ހައްޔަރު ކުރީ މެއި މަހުގެ 23 ވަނަ ދުވަހު އޭނާ އަމިއްލަ އަށް ފުލުހަށް ހާޒިރުވުމުންނެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އެދުވަހު ކޯޓަށް ގެންދިއުމުން ގައްބަރޭ ބަންދުގައި ބެހެއްޓުމަށް ވަނީ 30 ދުވަސް ޖަހާފަ އެވެ. 30 ދުވަސް ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކޮށްނުދީ އޭނާ ވަނީ މިނިވަންކޮށްފަ އެވެ.

ގައްބަރޭ ހޯދަން އިއުލާނުކުރީ މެއި މަހުގެ 15 ގަ އެވެ.

ޒަރީރަށް ހަމަލާ ދިނީ ކެފޭއެއްގައި އިންނަވަނިކޮށް ފަސް މީހަކު ކެފޭތެރެއަށް ވަދެ މަރުތޭލަކުންނެވެ. އޭނާއަށް ހަމަލާދިން ސަބަބެއް އެނގިވަޑައެއްނުގަންނަވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.

ގައްބަރޭ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ.