ކުރީ އިންތިހާބުތަކުގައި ކަންކުރާހެން ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި ދަންވަރު ގޮނޑިއަޅައިގެން ނުތިބުމަށް ފުލުހުން މިއަދު އިލްތިމާސް ކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބަށް ކަނޑައަޅާފައިވާ ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝާކިރު ވިދާޅުވީ މީގެ ކުރީ އިންތިހާބުތަކުގައި ވޯޓު ލާ މަރުކަޒުތަކުގެ ބޭރުގައި ދަންވަރު ގޮނޑިއަޅައިގެން މީހުން ތިބޭ ކަމަށެވެ. އެހެން ނަމަވެސް މި އިންތިހާބުގައި އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށް ޝާކިރު ވިދާޅުވި އެވެ.
ވޯޓު ލާ މަރުކަޒުތަކުގެ ދޮރުމަތީ ކުރިޔާލާ ގޮނޑީ އަޅައިގެން ތިބުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަަމަށްވެސް ޝަކިރު ވިދާޅުވި އެވެ. އެހެން ނަމަވެސް ވޯޓުލާ މަރުކަޒާ ދުރުގައި ގޮނޑި އަޅައިގެން ތިބުން ފުލުހުން ނުހުއްޓުވާނެ ކަމަށް ޝަކިރު ވިދާޅުވި އެވެ.
"ކުރީގެ އިންތިހާބުތަކުގައި ފާހަގަކުރެވޭ ކަމެއް ދަންވަރު ގަޑީގައި ކިއު ހަދައިގެން އަވަހަށް ވޯޓުލުގެ މަސައްކަތް ކުރާކަން. އެގޮތަށް އެކަންކަން ނުކުރުމަށް ޕާޓީތަކަށް ވަނީ ދަންނާވާފައި. އަވަސް ކޮށް ހާއްސަ ގޮތެއްގައި ވޯޓުލެވޭނެ މީހުން އެބަވޭ ކަނޑައަޅާފައި. އެއީ ދުވަސްވީ މީހުންނާ، މާބަނޑު މީހުންނާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް. މި ދެންނެވި ހުރިހާ ފަރާތްތަކަށް ވެސް ހާއްސަ އިންތިޒާމެއްގެ ތެރެއިން ވޯޓުލުމުގެ ފުރުސަތު ހަމަޖެހިގެންދާނެ،" ޝާކިރު ވިދާޅުވި އެވެ.
މިހާރު ފުލުހުން ކުރަމުންދަނީ ވޯޓު ކަރުދާސްތަކާއި، ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އިލެކްޝަންސްގެ ބެއްލެވުމުގެ ދަށުން ރަށްރަށަށް ގެންދިއުމުގެ މަސައްކަތެވެ. ވޯޓު ކަރުދާސް ގެންދިއުމަށްފަހު އޭގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަމުން ގެންދަނީވެސް ފުލުހުންނެވެ.
މީގެ އިތުރުން މި އިންތިހާބުގައި ބޮޑީވޯން ކެމެރާ ބޭނުން ކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް ޝަކިރު ވިދާޅުވި އެވެ. ބޮޑީ ވޯން ކެމެރާ އާއިއެކު ފުލުހުން ވޯޓުލާ މަރުކަޒު ތެރޭގައާއި، ޕޯލިން ސިސްޓަމް ތަކުގައިވެސް ހަރަކާތްތެރިވާނެކަމަށް ޝަކިރު ވިދޅާުވި އެވެ.