ރިޔާސީ އިންތިހާބާ ގުޅިގެން ޑިޕްލޯއީ ކޮށްފައިވާ ތަނެއްގެ ސަބަބުން އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެކަމުގެ ޔަގީންކަން ފުލުހުން ދީފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަންގައި ފުލުހުން އެކި ރަށްރަށަށް ޑިޕްލޯއި ކުރުމުގެ ސަބަބުން އެ ފުލުހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާ ކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދާއިރު ފުލުހުން ވަނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ވަނީ ރިޔާސީ އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ވަކިވަކި ފުލުހުން ދާންޖެހޭ ތަންތަން ކުރިއާލާ ކަނޑައެޅި އެ ތަންތަނުގައި އެ ތަންތަނަށް ދާ ފުލުހުން ރީ ރަޖިސްޓަރީ ކުރެވިގެން ފުރިހަމަ އިންތިޒާމްތަކެއްގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

އެހެންކަމުން އޮޕަރޭޝަންގައި ޑިޕްލޯއި ކޮށްފައިވާ ތަނެއްގެ ސަބަބުން އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވޯޓު ފޮށި ބަހައްޓާ ތަންތަނުގައި ފުލުހުން ހަރަކާތްތެރިވާނެ އެވެ.