ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012ގައި ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަން އޮން ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓު ސަރުކާރުގައި ނެތް ކަމަށާއި، އެހެންވެ އެ މައްސަލަ ފުުލުހަށް ހުށަހަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނޭކުރެންދުއަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެ ރިޕޯޓު ވީ ތަނެއް މިހާރު ނޭނގޭ ކަމަށެވެ.

"ކުރީ ދުވަހުގެ ޑިބޭޓްގައި ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކޯނީ ރިޕޯޓެއްގެ ވާހަކަ. މިހާރު އެ އޮތްތޯ ބައްލަވާ. އެ ވީތަނެއް ނޭނގޭ މިހާރު. އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ ފުލުހުންނަށް ހުށަހަޅާފަ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޯނީ ރިޕޯޓަކީ ދައުލަތުގެ ސިއްރެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރިޕޯޓު ގެއްލުމުގައި އިހުމާލުވި މީހުން ހޯދުމަށް ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ޖަލްސާއެއްގައި ވާހަކަދައްކަވާ މަންޒަރު މީހަކު ފޯނުން ރެކޯޑް ކުރަނީ. ފޮޓޯ: އެމްޑީޕީ

އެފަދަ ކަންކަން ހުރުމުން ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅު ގެންނެވި ގޮތުން އެ ރިޕޯޓު ގެއްލިފައިވާނަމަ ގެއްލިފައިވަނީ މިދިޔަ ސަރުކާރުގައި ކަމަށް ބެލެވެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ހިންގީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއިން ނެވެ.

އެ ކޮމިޝަންގެ ކޯ-ޗެއާއަކީ ސިންގަޕޫރުގެ ރިޓަޔަޑް ފަނޑިޔާރު ޖަސްޓިސް ޖީޕީ ސެލްވަމް އެވެ. ކޮމިޝަންގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ކަނޑައެޅުވި ބޭފުޅަކު ވެސް ހިމެނުއްވި އެވެ.

ކޯނީ ރިޕޯޓަކީ ދައުލަތުގެެ ސިއްރެއްގެ ގޮތުގައި ކަނޑައަޅައި އެ ރިޕޯޓް އެއްކޮށް އާންމުކޮށްފައެއް ނުވެ އެވެ. އެ ރިޕޯޓަށް އެކި ފަރާތްތަކުން ދިން ބަޔާންތައް އެ މީހުންގެ ޒާތީ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް އޭރު ނައްތާލިޔަސްް، ރިޕޯޓް ނައްތާލާފައެއް ނުވެ އެވެ.