އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މ. ދިމްޔާތަށް މަސްތުވާތަކެތި ވައްދައި ރެއިޑް ކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

މުއިއްޒުގެ ގެއަށް މަސްތުވާތަކެތި ވައްދައި، އެ ގެ ރެއިޑް ކުރަން އުޅޭ ކަމަށް ބުނެ، އެންމެ ފުރަތަމަ ހަބަރު ފެތުރީ ޗެނަލް 13 އިންނެވެ. އެ ޗެނަލުން ބުނީ މުއިއްޒުގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި އޭނާ ފްރޭމްކޮށް، ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަމަށް ވަކި ހާއްސަ ޓީމެއް ކަނޑައަޅާފައިވާ ކަމަށް ވެސް އެ ޗެނަލުން ބުންޏެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މުއިއްޒުގެ ގެއަށް، އެ މުއައްސަސާ އިން ރާވައިގެން މަސްތުވާތަކެތި ވައްދައި ރެއިޑް ކުރަން އުޅޭ ކަމަށް ބުނެ ޗެނަލް 13 އިން ގެނެސްދީފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ޗެނަލް 13 ގެ އެ ހަބަރަކީ އެއްވެސް ހަގީގަތެއް އެކުލެވިފައި ނުވާ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ އަގު ވައްޓާލުމުގެ ގޮތުން ގެނެސްފައިވާ ކަނޑައެޅިގެން ދޮގު ހަބަރެކެވެ.

ދިވެހި ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ޒިންމާދާރު ކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ގެނެސް ދިނުމަކީ މި ހިދުމަތުން ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ނޫސްވެރިކަމުގެ އަސާސީ މިންގަނޑާ ހިލާފަށް މިފަދަ ކަންކަން ނުކުރަން މި ހިދުމަތުން އިލްތިމާސް ކުރަމެވެ،" ފުލުހުން ބުންޏެވެ.