ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރަކަށް ހުންނެވި އަލީ ޝުޖާއު އާއި އިސްމާއިލް ނަވީން ކުރިމަތިލައްވައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އަށް ހަމަވި އިރު، އެ މަގާމަށް ޝުޖާއު އާއި ނަވީން ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ. އެހެންވެ، ދެ ބޭފުޅުންގެ ނަން ޕޮލިސް ބޯޑަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރަން އާންމުކޮށް ހުޅުވާލަން ޖެހެ އެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް ނަގަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، އެމީހެއްގެ ގާބިލްކަން ބެލުމަށް ފަހުގަ އެވެ. ކޮމިޝަނަރު އައްޔަން ކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން އެ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެކްޓިން ކޮމިޝަނަރުގެ މަގާމު މިހާރު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރައްވާތާ މިހާރު މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.