ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ފާސް ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން މިދިޔަ މަހުގެ 17 ގައި އުފައްދާފައިވާ 22 ވުޒާރާ އާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލިހުން ފާސް ކުރުމަށް ރައީސް މުއިއްޒު މަޖިލިހަށް ފޮނުއްވީ މި މަހުގެ 18 ގަ އެވެ.
މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވި ކަން އިއުލާން ކުރައްވައިފަ އެވެ.
މިނިސްޓްރީތަކުގެ މެންޑޭޓް ފާސް ކުރުމުގެ މައްސަލަ ކޮމިޓީ އަށް ފޮނުވި އިރު، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މިހާތަނަށް 22 ވަޒީރުންނަށް ރުހުން ނުދީ މަޑުޖައްސާލާފައި އޮތް ސަބަބަކީ އެ ވަޒީރުން މަސައްކަތް ކުރާ މިނިސްޓްރީތަކުގެ މެންޑޭޓާ މެދުގައި މަޖިލިހުން ގޮތެއް ނުނިންމާ އޮތުމެވެ.
މި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާގައި ހިމެނުމަށް ފަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވީ ވެސް މެންޑޭޓް ފާސްނުކޮށް އޮތުމުންނެވެ.
މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު މިއަދު ނިންމާލާ އިރު އެ މައްސަލައިގައި ގޮތެއް ނުނިންމޭނެ އެވެެ. އެކަމަކު، ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބާއްވައިގެން އެ މައްސަލައިގައި ގޮތެއް ނިންމިދާނެ އެވެ.