މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި އަންހެނަކު މިއަދު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މ.ބްލޫލައިޓް ހަ ވަނަ ފަންގިފިލާގައި ގޭސް ފުޅިއެއް ގޮވައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު ފަހު 14:20 ގައި ކަމަށެވެ. އެއާ އެކު، އެމްއެންޑީއެފުން ވަނީ އެ ގެއަށް ގޮސް އެހީތެރިކޮށްދީފަ އެވެ.

މި ގޭސް ފުޅި ގޮވާފައި ވަނީ އެމްއެންޑީއެފުން ބުނި ގޮތުގައި ގޭސް ފުޅިން އުނދުނަށް ގުޅާފައި އިން ހޮޅި ބާރު ކުރަން ނަޓު ދޫވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގަ އެވެ. އެމްއެންޑީއެފުން ވަނީ އުނދުނަށް ގުޅާފައި އިން ހޮޅި ރަނގަޅުކޮށްދީފަ އެވެ.

މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ ދިވެހި އަންހެނެއްގެ ހަށިގަނޑުގެ %10 ފިހިފައިވެ އެވެ. އަދި އެމީހާ އަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާގައި އެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑު ވެސް ތަޅައިގެން ގޮސްފައިވެ އެވެ.