ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ދިވެހިންނަށް މިވަގުތު ލިބިފައި ހުރި ނިއުމަތެއް ކަމަށާއި އެމަނިކުފާނުގެ އަތްޕުޅުގައި ހުރިހާ ރައްޔިތުން ހިފަން ޖެހޭ ކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "ފަތުވާ" އެއް ނެރުއްވައިފި އެވެ.

"ރާއްޖޭގެ ޒަކާތު ހައުސް" އިފްތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ރައީސް މުއިއްޒު ހަވާލުވެވަޑައިގެންނެވީ ގައުމުގެ އިސްލާމީ ޝަހުސިއްޔަތު އިތުރަށް ވަރުގަދަ ކުރަން ޖެހިފައި އޮތް ވަގުތެއްގައި ކަމަށެވެ. ރާއްޖޭގެ ގައުމީ ބަހާތައް އިތުރަށް ވަރުގަދަ ކުރަން ޖެހި ރާއްޖޭގެ ގައުމީ ފޭރާން އަލުން ވިއަން ޖެހިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"މިއީ ރާއްޖެ އަށް މިވަގުތަށް ވަރަށް މުހިންމު ނިއުމަތެއް މުއިއްޒު ރާއްޖޭގެ ޒައާމަތާ [ވެރިކަމާ] ހަވާލުވެ ހުރުމަކީ. މި ހާލަތަކީ މިއީ، ތާރީހީ ފަތްފުއްތަކަށް ނަޒަރު ހިންގާލާއިރު ކޮންމެ އުންމަތަކަށް ވެސް 100 ފަހަރުން އެއް ފަހަރު އަންނަ ފުރުސަތެއް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މިއީ ގައުމީ ފޭރާމާއި ޝަހްސިއްޔަތު އަލުން އިއާދަ ކުރުމުގެ ފުރުސަތެކެވެ. އެހެންވީމަ، މި ފުރުސަތު ނަގާލައިގެން ނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ދިވެހި އުންމަތުގެ ރައްޔިތުންނަށް އެދެނީ އަދި އިލްތިމާސް ކުރަނީ ރައީސް މުއިއްޒުގެ އަތްޕުޅުގައި ހިތްޕެވުމަށް." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މި ގައުމުގެ ގައުމީ ސިފަތައް އަލުން އިއާދަކޮށް، ގައުމުގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަކޮށް މި ގައުމުގެ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކޮށް މި ގައުމުން ބަދަލު ހިފުމާއި ހަސަދަވެރިކަމާއި ރުޅިވެރިކަން ނެތިކޮށްލުމަށް މި ކުރެވޭ މަސައްކަތްތަކުގައި މުޅި ގައުމު އެކަތިގަނޑަކަށްވެ މިކަމުގައި ބައިވެރިވެ ރައީސް މުއިއްޒު ގައުމައިގެން ކުރިއަށް އަޅުއްވާ ފިޔަވަޅުތަކުގައި ދިވެހިން ސާބިތުވެ ތިބެން ޖެހޭނެ ކަމަށެވެ.

ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝަހީމް ވިދާޅުވީ އިސްލާމް ދީނުގެ ކަންކަން ނެގެހެއްޓުމުގައި ރައީސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން އެއީ ރަން އަކުރުން ލިޔަން ޖެހޭ ފަދަ ވާހަކަތަކެއް ކަމަށެވެ.

"އެހެންވެ މި ފުރުސަތުގައި އަޅުގަނޑުމެން އެންމެން އެކުވެރިކަމާ އެކުގައި ތިބެ ގައުމު ހަމަ މަގަށް ގެންދިއުމަށް މި ޖީލު އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށް އެންމެން އެކީގައި އަޅުގަނޑުމެން ރައީސަށް އެހީތެރިކަން ދޭން އެބަޖެހޭ." ޝަހީމް ވިދާޅުވި އެވެ.