މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ވޭޕް ކާޓްރިޖްތަކަކާއެކު ދެ މީހަކު މާލެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
މި މައްސަލައިގައި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރީ މިމަހުގެ 9 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖް އަދި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ދުއްވާ ސައިކަލު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި 17 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ދީފައިވެ އެވެ. އަދި 32 އަހަރުގެ މީހާ ވަނީ ޝަރުތު ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ.