ހިރިޔާ ސްކޫލާއި ސޯޝަލް ސެންޓަރާ ދެމެދު ބަންދުކޮށްފައި އޮންނަ ސަބުދެލި މަގު މިއަދު ހުޅުވައިފި އެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުތަކުރުފާނު މަގާއި ކަނބާ އައިސަ ރަނި މަގާއި ދެމެދު އޮންނަ ސަބްދެލި މަގު ހުޅުވީ މަރާމާތަށް ފަހުގައި ކަމަށެވެ.

އެ މަގު ހުޅުވާފައި ވަނީ އެތަނުގައި ހުރި ގާތަކާއި އެ ނޫން ވެސް ތަކެތި ނަގައި އަލުން ގާތައް އަތުރައިގެންނެވެ. މި މަސައްކަތް ކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގުޅިގެންނެވެ.

ސަބްދެލި މަގު ބަންދު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގަ އެވެ. އެ މަގު ބަންދު ކުރީ އެތަނުގައި ރިސޯޓް ކޮންސެޕްޓަށް ތަރައްގީ ކުރަން އުޅުނު މަތީ ފެންވަރުގެ ލަގްޒަރީ އެޕާޓްމަންޓްތަކުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށެވެ.