ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރެމުން އައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު ނެރުން ހުއްޓާލައިފި އެވެ.
މި ރިޕޯޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ވަކި ހިސާބަކުން ފިނޭންސް މިނިސްޓްރީން ނެރެމުން އަންނަ ރިޕޯޓެކެވެ. އޭގައި އެ ހަފްތާއަކު ސަރުކާރުން ކުރާ ހަރަދުތަކުގެ ތަފްސީލް ހިމަނާފައިވެ އެވެ.
އެކަމަކު، މި މަސް ފެށުނު ފަހުން ފިނޭންސް މިނިސްޓްރީން އެ ރިޕޯޓު ހާމަކޮށްފައެއް ނުވެ އެވެ. ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ފެންނަ ގޮތުގައި އެންމެ ފަހުން އެ ރިޕޯޓު އާންމުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
މިކަމާ ގުޅިގެން ސޯލިހް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
އެގޮތުން ސޯލިހްގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވި އަކްރަމް ކަމާލުއްދީން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ނެރުން ހުއްޓާލާފައިވާ ކަމަށާއި އެ ރިޕޯޓަކީ ޑިސެމްބަރު 2018 އިން ފެށިގެން އެއްވެސް ހަފްތާއެއް ވައްޓާނުލައި ނެރެމުން އައި ރިޕޯޓެއް ކަމަށެވެ.
މި ރިޕޯޓު އާންމު ނުކުރާތީ ސަރުކާރުން ދައުލަތުގެ ބަޖެޓު ބޭނުންކޮށްގެން ކުރާ ހަރަދެއް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމާ ގުޅިގެން ބަޖެޓް ތަންފީޒު ކުރުމުގައި އެއްވެސް ކަހަލަ ޓްރާންސްޕޭރަންސީއެއް ނެތް ކަމުގައި އަކްރަމް ވިދާޅުވި އެވެ.