ބަލިހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ގއ. ވިލިނގިލީގެ އުމުރުން 13 އަހަރުގެ ހާލު ދެރަ ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގައި ލަސްތަކެއްވެ، އެންމެފަހުން އެ ކުއްޖާ މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް މަރުވި މައްސަލައިގަ އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ސިއްހީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު، ނިޔާވި ޚަބަރު ރައީސް އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ހިތާމަވެރި ވަގުތުގައި، މަރްޙޫމް މުހައްމަދު ޖާހު ހާލިދުގެ މައިންބަފައިންނަށާއި އާއިލާއަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

މަރުޙޫމް މުހައްމަދު ޖާހު ހާލިދުގެ ސިއްހީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް، ރައީސް ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފަ އެވެ.

މިއަދު މި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް މުއިއްޒުގެ ހެޔޮ ދުއާތައް ވަނީ މަރުޙޫމް މުހައްމަދު ޖާހު ހާލިދާއި އެ މަރުހޫމްގެ އާއިލާއާ އެކު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.