ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށްވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު ބޮޑުތަނުން އިތުރުކަން ހާމަވެއްޖެ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައިވާ މައުލޫމާތުތަކަށް ބަލާއިރު، ރައީސް ސޯލިހުގެ ވެރިކަމުގައި މިނިސްޓަރުންގެ ގޮތުގައި 20 ބޭފުޅަކު ތިއްބެވިއިރު، މި ސަރުކާރުގައި މިހާތަނަށް 22 މިނިސްޓަރުން އެބަތިއްބެވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި މިނިސްޓަރު ފެންވަރުގެ ހަތް ބޭފުޅަކު ތިއްބެވިއިރު، މި ސަރުކާރުގައި މިހާތަނަށް މިނިސްޓަރު ފެންވަރުގެ 20 ބޭފުޅަކު އެބަތިއްބެވި އެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި ތިއްބެވީ 38 ސްޓޭޓް މިނިސްޓަރުންނެވެ. އެކަމަކު މި ސަރުކާރުގައި މިހާތަނަށް 91 ސްޓޭޓް މިނިސްޓަރުން އެބަތިއްބެވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި 48 ޑެޕިއުޓީ މިނިސްޓަރުން ތިއްބެވިއިރު، މި ސަރުކާރުގެ މިހާތަނަށް 163 ޑެޕިއުޓީ މިނިސްޓަރުން ރައީސް މުއިއްޒު ވަނީ އައްޔަން ކުރައްވާފަ އެވެ.

އެހެންކަމުން ރައީސް ސޯލިހުގެ ސަރުކާރުގައި ސިޔާސީ އިސް މަގާމްތަކުގައި ޖުމްލަ ތިއްބެވީ 113 ބޭފުޅުންނެވެ. މި ސަރުކާރުގައި މިހާތަނަށް ސިޔާސީ އިސް މަގާމްތަކުގައި 296 ބޭފުޅުން އެބަތިއްބެވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ސިޔާސީ އިސް މަގާމްތަކަށް މުސާރައިގެ ގޮތުގައި މަހަކު ހޭދަކުރަމުން އައީ 5.2 މިލިއަން ރުފިޔާ އެވެ. އެކަމަކު މި ސަރުކާރުން ސިޔާސީ އިސް މަގާމްތަކުގެ މުސާރައަށް މަހަކު 12.7 މިލިއަން ރުފިޔާ ހޭދަކުރެ އެވެ.

މިއީ ރައީސް މުއިއްޒު ރިޔާސީ ކެމްޕޭންގައި ދެއްކެވި ވާހަކަފުޅާ އިދިކޮޅު އަމަލަކެވެ. އެމަނިކުފާނު ކެމްޕޭންތެރޭގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ ސަރުކާރުގައި ތިއްބެވި ސިޔާސީ ބޭފުޅުން މާ ބޮޑަށް ގިނަ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ސިޠާސީ ބޭފުޅުންގެ ގޮތުގައި އައްޔަން ކުރައްވާނީ މަދު ބަޔަކު ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.