އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޖެނެރަލް، މުހައްމަދު ސައިފް އަލް ސުވައިދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފި އެވެ.

މިއީ ދުބާއީގައި ކުރިޔަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ހަވާސާގައި ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުން ވަނީ ރާއްޖެއާ އެކުވެރި އަރަބި އިމާރާތާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވާހަކަފުޅުގައި އަބޫދާބީ ފަންޑުން ރާއްޖެއަށް ހުއްޓުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައި، ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާމެދު އުފާކުރައްވާކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޖެނެރަލް ވަނީ އެ ފަންޑުގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްދާގޮތާ ގުޅޭގޮތުންނާއި ދެފަރާތުން ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއާ ސިއްހީ ދާއިރާ އަދި އިގްތިސާދީ ތަރައްގީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.