ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ނ. ކެނދިކުޅުދޫ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށުގައި ކެމްޕެއިން ކުރެއްވި ކަމުގެ ތުހުމަތު އެ ރަށު ކައުންސިލުން ތުހުމަތުކޮށްފި އެވެ.

ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ކައުންސިލްގެ ރުހުން ނެތި، ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިވަފާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމަށް ވާހަކަފުޅުދައްކަވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ އެ ދަތުރުފުޅުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދި ރައީސް އޮފީހުން އެންގެވި އެންގުމާ އެއްގޮތަށް އެ ކައުންސިލުން ވާނީ އެ ދަތުރުފުޅާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީފައި ކަމަށް އެ ބަޔާނުގައިވެ އެވެ.

ރައީސް ރަށަށް ފައިބާވަޑައިގަތުމަށްފަހު ރަށުގެ ރައްޔިތުންނާ މުހާތަބު ކުރުމަށް ބޭއްވި ހަފްލާގެ އެންމެހައި އިންތިޒާމެއް ހަމަޖައްސައި އެ ހަފްލާގައި ކައުންސިލުންވެސް ބައިވެރިވެވަޑައިގެންނެވި ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ނަމަވެސް އެ ހަފްލާގެ ވަކި ހިސާބަކުން ރައީސުލްޖުމުހޫރިއްޔާ އާއި އެމަނިކުފާނުގެ ކެބިނެޓްގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބުު ބަދަލުވެގެން ދިޔައީ ސިޔާސީ ޕޯޑިއަމެއްގައި ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ސިޔާސީ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލިސް 2024 އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދެއްކި ވާހަކަފުޅަކަށެވެ. ކައުންސިލަށް އެ ހަފްލާ ސިފަވެގެން ދިޔައީ ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ވަޑައިގެން، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއިދު ހޯދުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ގޮތުގަ އެވެ،" ބަޔާނުގައިވެ އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާނުގައި ވަނީ، ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ މަގާމަށް ހޮވިވަޑައިގެންފައިވާ ފަރާތަކަށްވާތީ އެ މަގާމު ފުރުއްވުމުގައި ވަކި ޕާޓީއެއް ޕްރޮމޯޓްކޮށް ސިޔާސީ ގޮތުން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމަށް ނުވާތީ ރައީސަށް އެކަން ކުރެވިދާނެ ކަމަށް ކަމަށެވެ.

ނަމަވެސް އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަނާއި ކައުންސުލްތަކުގެ އިދާރާތައް ބޭނުންކުރުމަކީ ކަނޑއެޅިގެން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު މަނާކޮށްފައިވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ހަފްލާގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަގްސަދުގައި އިންތިޒާމުކުރެވުނު ހަފްލާއަކަށް ބަދަލުވެގެންދިޔަ ދިޔުން ކައުންސިލްގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ.