އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ކުރީގެ ސަރުކާރުން ހަވާލުކުރި އިންޑިއާގެ ކުންފުންޏަށް ޖަމާކުރި 3.6 މިލިއަން ޑޮލަރަށް ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އެ ފައިސާ ދިނީ އިންޑިއާގެ އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާ ކުންފުންޏަށް ކަމަށެވެ. އަދި އެ ކުންފުނި ވެސް ގެއްލިގެން ހޯދަމުން އަންނަ ކަމަށް އިހްސާން ވިދާޅުވި އެވެ.
"އޮގަސްޓް 16، 2019 ވަނަ ދުވަހު، 61 ޕޮލިސް ސްޓޭޝަން ރާއްޖޭގައި އެޅުމަށްޓަކައި 41.18 މިލިއަން ޑޮލަރު ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް [އިންދިރާ ޕްރޮޖެކްޓް އެންޑް ޑިވެލޮޕްމެންޓްސް] ކިޔާ ކުންފުންޏަކުން މި އޮންނަނީ އިންޓްރެސްޓް ފާޅުކޮށްފައި. އޭރުގެ ދިވެހި ސަރުކާރަށް،" އޭނާ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓްގައި ސޮއިކޮށްފައި ވަނީ 85 ޕަސެންޓް އިންޑިއާގެ އެގްޒިމް ބޭންކުން ދައްކައި ބާކީ 15 ޕަސެންޓް ދިވެހި ސަރުކާރުން ދައްކާ ގޮތަށް ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ އެޑްވާންސްކޮށް އެ ފައިސާ އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ލޯނު ހަމަނުޖެހެނީސް ކަމަށެވެ. އަދި އެ ލޯނު ހަމަޖެހެން ނެތް ކަމާއި ހިލޭ އެހީގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް އެގްޒިމް ބޭންކުން އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޮކްޓޫބަރު 12، 2022 ގައި އިންދިރާ ޕްރޮޖެކްޓް، އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޮއިންޓް ވެންޗާ ކުންފުންޏެއް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި ޖޮއިންޓް ކުންފުނި ރޫޅިފައިވާކަން މި އަހަރުގެ ޖެނުއަރީ 24 ގައި ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.