މި ފެށޭ ރޯދަ މަހަށް ތަކެތީގެ އަގު ހެޔޮ ކުރަން އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު"ގެ މިއަދުގެ ސެގްމަންޓްގައި މީހަކު ކުރި ސުވާލެއްގައި އެދިފައިވަނީ ކާބޯތަކެތީގެ އަގު ހެޔޮކޮށް ދިނުމަށެވެ.

ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، އެ ތަކެތި އަގު ހެޔޮކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައިވަނީ އެސްޓީއޯއިން، އަދިވެސް އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގުތައް ހެޔޮކުރުމަށް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ދުރު ރާސްތާ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ ގޮތް ގާއިމުކޮށް، ފުޑް ސެކިއުރިޓީ ކަށަވަރުކުރުން ކަމަށެވެ. އޭރުން ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް މުސްތަގްބަލުގައި މެދު ރާސްތާ އަދި ދުރު ރާސްތާގެ ޕްލޭންއަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއް ރާއްޖޭގައި އުފެއްދޭގޮތް ގާއިމްކޮށް، ފުޑު ސެކިއުރިޓީ ޔަޤީންކުރުން، އޭރު އަގުވެސް ދަށްވެގެންދާނެ، އަދި ކޮއަންޓިޓީވެސް ޔަޤީންވެގެންދާނެ." ރައީސް ވިދާޅުވި އެވެ.