ރަށްވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރީ- ރަޖިސްޓްރީވާން އަލުން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރީ- ރަޖިސްޓްރީ ކޮށްދީފި އެވެ.
މަޖިލީހުގެ އިންތިޚާބުގައި ވޯޓްލުމަށް ރީ- ރަޖިސްޓްރީވުމުގެ ފުރުސަތު އެ ކޮމިޝަނުން އަލުން ހުޅުވާލީ އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލު އައުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިމަހު 17 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް، ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން އެ ތާރީހު ވަނީ އަންނަމަހުގެ 21 ވަނަ ދުވަހަށް ލަސްކޮށްފަ އެވެ. ތާރީހަށް އައި ބަދަލާއި ގުޅިގެން އީސީއިން މިމަހުގެ 10 ވަނަ ދުވަހު އަލުން ރީ ރަޖިސްޓްރީވާން ހުޅުވާލި އެވެ. އަދި އެ މުއްދަތު އަންނަ ހޮނިހިރު ދުވަހު މެންދުރު 3:00 އަށް ހަމަވާނެ އެވެ.
އީސީން ބުނީ މިހާތަނަށް ރީ-ރަޖިސްޓްރީވުމަށް އެދި އޮންލައިންކޮށް 5،202 ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 4،718 މީހުން ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. މީގެ އިތުރުން އެކި ސަބަބުތަކާ ހުރެ 484 ފޯމް ރިޖެކްޓް ކޮށްފައިވާ ކަމަށް ވެސް އީސީން ބުނެ އެވެ.
އެ ކޮމިޝަނުން ބުނީ ރީ- ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތުގައި މިހާތަނަށް ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތަކަށް ވޯޓުލުމަށް 827 މީހަކު ރީ- ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. ރާއްޖެއިން ބޭރު ހަ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. މަޖިލިސް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް އެންމެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވަނީ މެލޭޝިއާއަށެވެ.
ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު:
- ކުއަލަލަމްޕޫރު: 463 މީހުން
- ކޮލަމްބޯ: 241 މީހުން
- ލަންޑަން: 52 މީހުން
- ޓްރިވެންޑްރަމް: 50 މީހުން
- އަބޫ ދާބީ: 14 މީހުން
- ބެންކޮކް: 7 މީހުން
ރީ-ރަޖިސްޓްރީވުމަށް މި ފޯމަށް ވަނުމުން އީފާސް މެދުވެރިކޮށް އަދި އީފާސްއާ ނުލާވެސް ރީ- ރަޖިސްޓްރީ ވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި 1414 އަށް އެސްއެމްއެސް ކުރުމުން ވޯޓުލުމަށް މިހާރު ރަޖިސްޓްރީވެފައިވާ ތަން އެނގޭނެ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ.
މަޖިލިސް އިންތިޚާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމުމުން ވޯޓުލުމުގެ ހައްގު އަލަށް 560 މީހަކަށް ލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަނީ 93 ދާއިރާއަކަށެވެ. މިފަހަރުގެ އިންތިޚާބުގައި 371 ކެންޑިޑޭޓުން ވާދަކުރެ އެވެ.