ޓްރީޓޮޕް ހޮސްޕިޓަލުގައި މިދިޔަ އަހަރު ފެށި އައިވީއެފް ޕްރޮގްރާމެއް ފެށި ފަހުން މިހާތަނަށް ދެ ކުއްޖަކު ވިހައިފި އެވެ.

މީއީ ރާއްޖޭގައި އައިވީއެފް ހަދައިގެން ކުއްޖަކު ލިބުނު ފުރަތަމަ ފަހަރެވެ.

ޓްރީޓޮޕުން އައިވީއެފް ހެދި މީހުންގެ ތެރެއިން އެކަކު ވިހާފައި ވަނީ މި މިދިޔަ އާދީއްްތަ ދުވަހު އެވެ. އަދި ދެ ވަނަ މީހާ ވިހާފައި ވަނީ އިއްޔެ އެވެ. އެއީ 33 އަހަރުގެ މީހެކެވެ.

މިދިޔަ އަހަރުގެ މެއި މަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ފާޓިލިޓީ ސެންޓަރުގެ ފުރަތަމަ ބެޗުގައި 16 މީހުން އައިވީއެފް ހެދި އެވެ. އޭގެ ތެރެއިން އެމްބްރިޔޮ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން ހަ މީހުން ބަނޑުބޮޑުވިކަން ކުރިން އިއުލާންކުރި އެވެ.

ރާއްޖޭގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ދަރިފުޅަކު ލިބުނުކަން އިއުލާންކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ޓީޓީއެޗް

އެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު އެންމެ ފުރަތަމަ ވިހެއީ މީގެ ކުރިން ރާއްޖެ އިން ބޭރުން ހަތަރު ފަހަރަށް އައިވީއެފް ހެދި މީހެއް ކަމަށެވެ. އެ ދެމައިންގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި މިއީ އެ ހޮސްޕިޓަލް އަދި ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

އައިވީއެފް ހަދަން މިހާތަނަށް މީހުން ދިޔައީ ރާއްޖެއިން ބޭރަށެވެ. އެ ފަރުވާ އަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި މަޑުކުރަން ޖެހޭތީ އަތުން ވެސް ބޮޑު ހަރަދެއް ހިނގަ އެވެ. ނަމަވެސް، ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފްގެ ބުރަކަށް ކަނޑައަޅާފައި ވަނީ 46،000ރ. އެވެ. އެކަމަކު، ސަރުކާރުން މި ފަހުން ވަނީ އައިވީއެފަށް އާސަންދަ ދިނުމަށް ހުޅުވާލައިފަ އެވެ.