މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުރިހާ މިސްކިތްތަކެއް ސާފުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ދިވެހި މުވައްޒަފުން ކުރަން ފަށައިފި އެވެ.

މާލޭ ސިޓީގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން މި އަހަރުގެ ކުރީކޮޅު ސިޓީ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް ޝައުގުވެރިކަންފާޅުކޮށްފަ އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ މިއަދުން ފެށިގެން ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ ދެ މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާނީ ބިދޭސީންގެ ބަދަލުގައި މުޅިން ވެސް ދިވެހިން ކަމަށެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ އެ މުވައްޒަފުން މަސައްކަތަށް ނެރެފައި ވަނީ އެކަމާ ގުޅޭ ތަމްރީނުތައް ދިނުމަށްފަހު ކަމަށެވެ.

މޭޔަރު ވިދާޅުވީ ރާއްޖޭގެ މިސްކިތްތައް ދިވެހީންގެ އަތުން ސާފުކޮށް ބެލެހެއްޓުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މީގެކުރިން މާލޭ ސިޓީގެ މިސްކިތްތައް ސާފުކުރަމުން ދިޔައީ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އެ ކުންފުނިތަކުން އެ މަސައްކަތް ކުރުވަމުން ދިޔައީ ބިދޭސީ މުވައްޒަފުން ލައްވަ އެވެ.