ކޮވިޝީލްޑް ވެކްސިންގެ އިތުރު 100،000 ޑޯޒް އިންޑިއާ އިން ރާއްޖެއަށް އަނެއްކާވެސް ހަދިޔާކޮށްފި އެވެ.

މި ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ރަމްޒީ އެހީ ޙަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިވެކްސިން ރާއްޖެއާ ހަވާލުކޮށްދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިޔަމް ޖައިޝަންކަރެވެ. މި އެހީއާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

އިންޑިއާ އިން ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް 100،000 ޑޯޒުގެ ވެކްސިން ހަދިޔާކޮށްފަ އެވެ. އެ ޝިޕްމަންޓް ރާއްޖެ ގެނައީ މިދިޔަ މަހުގެ 20 ގަ އެވެ. އަދި އެ ވެކްސިން ފެބްރުއަރީ 1 ވަނަ ދުވަހު ޖަހަން ފަށައި މިހާރު ވަނީ 64،000 އަށް ވުރެ ގިނަ މީހުންގެ ގަޔަށް ޖަހައިފަ އެވެ.