އެކި އެކި ސްކޭމްތަކުގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އެފަދަ ކުށްކުރާ މީހުން ހޯދުމަށް އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރަން ފުލުހުންގެ އިދާރާއިން ނިންމައިފި އެވެ.

ޕީއެސްއެމްގެ ޕޮރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ ސްކޭމް ސެންޓަރު ވަރަށް އަވަހަށް ގާއިމް ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެބަ އެސްޓަބްލިޝްކުރަން ވަރަށް އަވަހަށް މި ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިން އެންޓި ސްކޭމް ސެންޓަރެއް، ދެން އެންޓި ސްކޭމް ސެންޓަރަކީ މިއީ އަޅުގަނޑުމެން ހަމައެކަނި އިންވެންޓުކުރާ އެއްޗެއް ނޫން، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި މިހާރު މަސައްކަތް ކުރާ ކޮންސެޕްޓެއް މިއީ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ އެ ސެންޓަރު ގާއިމްވުމާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ހުށަހެޅޭ ސްކޭމްގެ މައްސަލަތަކަށް ފުރަތަމަ އެޓެންޑްވާނީ އެ ސެންޓަރުން ކަމަށެވެ.

ފުލުހުން މީގެކުރިން ބުނެފައި ވަނީ ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން މިހާތަނަށް ސްކޭމްގެ 28،003 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި އޭގެ ޖުމްލަ ގެއްލުން 57.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.