އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް މާދަމާ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ވަޑައިގަންނަވާތީ އެމަނިކުފާނަށް ބޮޑު ސަމާލު ކަމެއް ލިބެން ފަށައިފި އެވެ.

މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް ޑރ. މުއިއްޒާ އެކުގައި ހަތް ގައުމެއްގެ ވެރިން އިންޑިއާ އަށް ވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ، ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން، ނޭޕާލް، ސީޝެލްސް އަދި މޮރިޝަސް އެވެ.

ވެރިންނަށް މަރުހަބާ ކިޔުމަށް ބޯޑުތައް ހަރުކުރަމުންދާ އިރު ރައީސް މުއިއްޒު އަށް މަރުހަބާ ކިޔުމަށް ހަރުކޮށްފައި ހުރި ބޯޑެއްގެ ފޮޓޯ އާންމުކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމުގައިވާ އެންޑީޓީވީންނެވެ. އެންޑީޓީވީން ބުނެފައި ވަނީ ދެގައުމުގެ ދެމެދު އޮތް ނުތަނަވަސްކަމާ އެކު ވެސް އިންޑިއާ އިން ރައީސް މުއިއްޒަށް ހޫނު މަރުހަބާ އެއް ކިޔަން ތައްޔާރުވެފައިވާ ކަމަށެވެ.

މޯދީ އާއި ރައީސްގެ ފޮޓޯ އާއެކު އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބޭރުގައި ހަރުކޮށްފައި ހުރި ބޯޑުގައި "އިންޑިއާ އަށް މަރުހަބާ" ޖަހާފައިވެ އެވެ. އިންޑިއާގެ މީޑިއާތަކުން ސިފަ ކުރާ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަކީ އިންޑިއާ އާއި ރާއްޖެ އާ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ނިމުމެއް އަންނާނެ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒުގެ އިތުރުން މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ދެން ބައިވެރިވެ ވަޑައިގަންނަވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ، ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަ، ސީޝަލްސްގެ ނައިބު ރައީސް އަހުމަދު އަފީފް، މޮރިޝަސްގެ ބޮޑުވަޒީރު ޕަރުވިންދު ކުމާރު، ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް، ބޫޓާންގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ އެވެ.

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުއިއްޒަށް ދެއްވި ދައުވަތު އެމަނިކުފާނު ވަނީ ގަބޫލު ކުރައްވައިފަ އެވެ. ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިންޑިއާ އަށް ވަޑައިގަންނަވާނީ މިރެ އެވެ. މިއީ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ސަރުކާރު އައިފަހުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުމަށް ވަރަށް ބޮޑު ލޮޅުމެއް އެރި އެވެ. އެއީ އިންޑިއާ އާއި މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. ރާއްޖޭގެ ތިން ޑެޕިޔުޓީ މިނިސްޓަރަކު "އެކްސް" ގައި އެގޮތަށް ވާހަކަ ދެއްކެވުމުން އިންޑިއާ އިން އެކަން ނެގީ ސީރިއަސްކޮށެވެ.

އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.

ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އޭގެ އެއް ހެއްކަކީ ކުރީގެ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުން އެއް އަހަރަށް ފަސްކޮށް ދިނުމެވެ.