ކުރި ޕްލޭން ފެއިލްވެ މަސައްކަތް ހުއްޓިފައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ޕްލޭންކުރިގޮތަށް މި އަހަރުގެ ނިޔަލަށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އަލުން ފެށޭނެ ކަމަށެވެ. އަދި އަންނަ މަހު މަސައްކަތް ފަށާގޮތަށް ޑިސެމްބަރުގެ ނިޔަލަށް 1،100 ހެކްޓަރުގެ ބިން ހިއްކައި ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގެ އިތުރުން ގުޅިފަޅާއި ގިރާވަރު ފަޅު އަދި ހުޅުމާލޭގެ ފޭސް ތިނެއް ހިއްކުުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ. ހަމައެހެންމެ ބޯހިޔާވަހިކަމަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ހިއްކަން ވައުދުވި ތަންތަން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ރަސްމާލެ ހިއްކުމަށް ސީއެމްސީން ހުށަހެޅިގޮތަށް އެކަން ކުރިއަށްނުގެންދެވުމުން އެ މަސައްކަތް ހުއްޓުނީ ކަމަށެވެ. އަދި އެ މަސައްކަތް ކުރާނެ އިތުރު ގޮތެއް ހޯދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭގެ ދެކުނުން މާލެ އާއި 10 ކިލޯމީޓަރު ދުރުގައި އޮތް ފުށިދިއްގަރުފަޅަކީ 1280 ހެކްޓަރުގެ ޖާގައިގެ ފަޅެކެވެ. ފަޅުން 1153 ހެކްޓަރު ހިއްކަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ރަސްމަލެ އާއި މާލެ ގުޅާލުމަށްޓަކައި އަންޑާގްރައުންޓް ޓަނަލެއް އަޅާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.