އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް، އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކޮށް، ބޮޑެތި ލޯނުތައް ނުނަގައި، އާމްދަނީ ހޯދައިގެން ދައުލަތުން ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އެކި ފަރާތްތަކަށް ދައްކާފައިވާ ކަމަށެވެ. އެގޮތުން އަމިއްލަ އެކި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ ނުވަ ބިލިއަން ރުފިޔާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ އާއި، ސަރުކާރުގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ ހަތް ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ބޭރުގެ ލޯނުތަކަށް ދައްކަންޖެހޭ 2.7 ބިލިއަން ރުފިޔާ ވެސް ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

"މިވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި އޮތީ ދައްކާފައި. މި ހަގީގަތް ފޮރުވަން އިދިކޮޅު ބޭފުޅުން އެ މަސައްކަތް ކުރައްވަނީ. އަޅުގަނޑުމެން ވާހަކަ ދައްކާނީ ތެދުބަހުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ހަރަދުތައް ފޫބައްދަން ފައިސާ ޗާޕުކުރި ނަމަވެސް، އެއީ ގައުމަށް އެންމެ ފައިދާ ހުރި ނިންމުން ނޫންކަމަށާއި، އަދި އެއީ އިހްލާސްތެރި މަސައްކަތެއް ވެސް ނޫންކަމަށެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ އިތުރުން، ބޮޑެތި ތަކުލީފުތައް ނަގަންޖެހޭ ގޮތަށް ސަރުކާރުން ލޯނު ނެގުން ވެސް ހުއްޓާލާފައިވާ ކަމަށެވެ.

ޕީއެންސީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން...

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ދެ މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މިވީ ހަތް މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ވެސް 54 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.